Last Updated: June 24, 09:56
Tuesday, June 24, 2025
ޚަބަރު

'ރައްކާ' ރޯޑް ޝޯ ށ. އަތޮޅުގައި ކުރިއަށް

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ "ރައްކާ" ރޯޑް ޝޯ ށ. އަތޮޅުގައި ފަށައިފި އެވެ.

މި އިވެންޓްގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސް އެވެ.

މި މަހުގެ 20-28 އަށް ށ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ރައްކާ' ރޯޑް ޝޯވ ފެށުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފަ އިވަނީ މިލަންދޫގަ އެވެ.

އެ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި މިލަންދޫގައި ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފައިވެ އެވެ. މި މެޗު އިންތިޒާމުކުރުމުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ މެޗު ބެލުމަށް ދަނޑަށް ހާޒިރުވި ފަރާތްތަކުގެ އެއްގަމު އުޅަނދުތައް ގަވާއިދާ އެއްގޮތަށް ޕާކުކުރުމުގައި ހޭލުންތެރިކަން އިތުރުކުރުވުމެވެ. މީގެ އިތުރުން މެޗު ކުރިއަށް ދިޔައިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަރުދީ ޒިންމާ ހަނދާންކޮށްދީ އެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށްފައިވެ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން، މިލަންދޫ ސްކޫލާއި ފުނަދޫ ސްކޫލު ދަރިވަރުންގެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ. އަދި ފަހިރާސްތާ ޕްރޮގްރާމް މިލަންދޫގައި މިއަދު ވަނީ ފަށައިފައެވެ. މި ޕްރޮގްރާމުގައި، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

'ރައްކާ' ރޯޑް ޝޯގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ އެވެ. އަދި ރޯޑް ސޭފްޓީ ހިނގާލުމާއި ރަށްރަށުގައި ބިލްބޯޑު ހަރުުކުރުމުުގެ އިތުރުން ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

'ރައްކާ' ރޯޑް ޝޯގެ ހަރަކާތްތައް ށ. އަތޮޅުގައި ކުރިއަށް ގެންދަނީ ށ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާތައް ގުޅިގެންނެވެ.