އޮގަސްޓް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލޯބިން" އިން ލަވައެއް ބެލުންތެރިންނަށް މިއަދު ދޫކޮށްލައިފި އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމުން ދައްކައިލި ލަވަ އަކީ "ލޮލުގެ ޖަޒުބާތުން" އެވެ. މި ހިތްގައިމު ލޯބީގެ ލަވަ އަކީ އެ ނަމުގައި ކުރިން ގެނެސްދިން ލަވައެއްގެ އާ ވާޝަނެއްކަން ފާހަގަކޮށްލެވެ އެވެ. އޮރިޖިނަލް ލަވަ މުހައްމަދު ސުހައިލް ގެނެސްދީފައިވާ އިރު، އާ ވާޝަންގެ މިއުޒިކާ ކުޅެ، މި ޒަމާނަށް ފައްތާފައި ވަނީ ފުރުގާނެވެ.
"ލޮލުގެ ޖަޒުބާތުން" ކިޔާފައި ވަނީ "ލޯބިން" ގެ އެއް ބަތަލު ކަމަށްވާ އިފްނާޒް ފިރާގެވެ. މި ލަވަ އިން ފެންނަނީ އޭނަގެ އަންހެނުން އަދި ފިލްމުގެ މައިގަނޑު އެއް ބަތަލާ ތާތި އާދަމާއި އަހުމަދު ޝާރިފެވެ.
އޮގަސްޓް 6 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ލޯބިން" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ވެސް ހިމެނެ އެވެ.
މި ފިލްމަކީ އިއްލެ ލިޔެ، ޑައިރެކްޓްކުރާ ފަސް ވަނަ ފީޗާ ފިލްމެވެ. އަދި "ލޯބިން" ގެނެސްދެނީ އޭނަގެ އައި ފިލްމްސް އާއި އިންގިޖިނަސް ވިޝުއަލް ފެކްޓްރީގެ އިތުރުން ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެންނެވެ.
އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.