Last Updated: July 25, 18:05
Saturday, July 25, 2026
ރިޕޯޓް

އަހަރެން ވެސް ޒަކާތް ދައްކަން ޖެހޭނެތަ؟

ޒަކާތް ދެއްކުމަކީ، ޒަކާތް ވާޖިބުވުމުގެ ޝަރުތުތައް ފުރިހަމަވެއްޖެ، ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އެކަމަށް ކީރިތި ޤުރުއާނާއި މާތް ރަސޫލު ﷺ ގެ ސުންނަތުންނާއި ޢިލްމުވެރިންގެ އިޖުމާޢުން އެކަމަށް ދަލީލު ލިބެއެވެ.

މާތްﷲ ތައުބާ ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެ އެވެ. "خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَة تُطَهِّرُهُمۡ وَتُزَكِّيهِم بِهَا" މާނައަކީ " އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ޠާހިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ".

ކީރިތި ރަސޫލު ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. "بُني الإسلام على خمس: شهادة أن لا إله إلا الله وأن محمداً رسول الله، وإقام الصلاة، وإيتاء الزكاة، والحج البيت، وصوم رمضان "رواه البخاري ومسلم މާނައަކީ "އިސްލާމްދީން ބިނާވެގެންވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ ﷲ ނޫން އެހެން އިލާހަކު ނުވާ ކަމަށް ހެކިވުމާއި އަދި މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅުގައި (ކައުބާ) ގައި ޙައްޖުވުމާއި އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ."

ޒަކާތް ދެއްކުން ވާޖިބު ކަމާމެދު އުއްމަތުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. ޒަކާތް ދިނުމަށް އިންކާރުކޮށް މަނާވެގަތް މީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އަބޫބަކުރު رضي الله عنه ނިންމެވުމުން ހުރިހާ އަޞްޙާބު ބޭކަލުން އެކަމަށް އެކަލޭގެފާނާ އެއްބަސްވެ ވަޑައިގެންނެވި އެވެ.

މި ހުރިހާ ދަލީލުތަކުން އެނގެނީ ޒަކާތް ވާޖިބުވުމުގެ ޝަރުޠު ހަމަވާ ކޮންމެ މީހެއް ޒަކާތް ދައްކަން ޖެހޭނެ ކަމެވެ.

މަސްދަރު: ޒަކާތު ހައުސް