Last Updated: June 24, 10:19
Tuesday, June 24, 2025
ޚަބަރު

ޔޯގާ ދުވަސް ފާހަގަކޮށްފައިވާތީ އެކަން ކުށްވެރިކޮށްފި

ރާއްޖޭގައި އިއްޔެ ބޭއްވި ޔޯގާ ޑޭ އިވެންޓްގެ ތެރެއިން.

ރާއްޖޭގައި އިއްޔެ ޔޯގާ ދުވަސް ފާހަގަކޮށްފައިވާތީ އިލްމުވެރިންގެ ގުޅުމުން އެކަން ކުށްވެރިކޮށްފި އެވެ.

ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޖޫން 21 އެވެ. މި އަހަރަކީ އެ ދުވަސް ދުނިޔޭގައި ފާހަގަކުރި 11 ވަނަ އަހަރެވެ.

ރާއްޖޭގައި އިއްޔެ ޔޯގާ ދުވަސް ފާހަގަކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އިންތިޒާމުކޮށްގެން ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. ފަސް ސަތޭކަ އަށް ވުރެ ގިނަ މީހުން ބައިވެރިވި އެ އިވެންޓް ޝަރަފުވެރިކޮށް ދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ.

ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކޮށްފައިވާތީ އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިންދޫ ދީނުގެ ޝިރުކުގެ އަމަލެއް ކަމަށްވާ ޔޯގާ އަޅުކަމާ ގުޅުވައިގެން، އެއަޅުކަން ޕްރޮމޯޓްކޮށް ފެތުރުމުގެ އެޖެންޑާގެ ދަށުން ފާހަގަކުރާ ޔޯގާ ދުވަސް، ސަރުކާރުގެ އެއްބާރުލުމާއެކު ރާއްޖޭގައި ފާހަގަކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަަށެވެ.

ޔޯގާގެ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް، ދިވެހިރާއްޖޭގެ 104 ދީނީ އިލްމުވެރިން ހިމެނޭހެން، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މީގެ ކުރިން ވެެސް ވާނީ އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްދީފައި ކަމަށް ބަޔާނުގައި ބުންޏެވެ. އެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ 2022 ގެ ޔޯގާ ދުވަހު ރާއްޖޭފެ ވެރިރަށް މާލޭގައި ފާހަގަ ކުރަން އުޅުމުން ހިނގައި ދިޔަ ކަންކަމާ ގުޅިގެން، އެކަމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުމާ ކަމެއްކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށެވެ.

އަދި މިއަ ހަރުގެ މި ދުވަސް ފާހަގަކުރުމުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކު ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ބަޔާނުގައި ބުނީ މިފަދަ ކަމެއްގައި ބައިވެރިވުމުގެ އަމަލެއް ސަރުކާރުގެ އިސްވެރިއެއްގެ ފުށުން ފެނިއްޖެ ނަމަ، އެފަދަ ކަމެއްދެން އެހެން ފަރާތަކުން ތަކުރާރުކުރަން ނުކެރޭނެ ފަދަ ފިޔަވަޅު އެޅުއްވުމަށް ދައުލަތުގެ އިސްވެރިންނަށް ގޮވާލާ ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ޝިރުކު ކުރެވޭ ތަފާތު އެކި ގޮތްތަކުގެ ތެރެއިން އެއްގޮތަކީ ޔޯގާގެ އަމަލުކަން ރާއްޖޭގެ ދީނީ އިލްމުވެރިން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޔޯގާ އަކީ ހިންދޫ ދީނުގެ އަމަލެއް ކަމަށް އެ ދީނުގެ އިސް މީހުން ވެސް ބުނަމުންދާ ކަމަށާއި އެކަމަށް ހިތްވަރުދީ، އެކަމަށް މަގުފަހިކުރުމާއި، އެކަމުގައި އެއްވެސް ހައިސިއްޔަތުން ބައިވެރިވުމަކީ އެއްވެސް ހާލެއްގައި މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުންޏެވެ.