ވައިގެ މަގުން ފޯރުކޮށްދޭ އަދި މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ފެޑެކްސް ކޯޕަރޭޝަންގެ ބާނީ ފްރެޑްރިކް ވެލޭސް ސުމިތު މަރުވެއްޖެ އެވެ.
އެމެރިކާގެ ޓެނެސީ އަށް އުފަން ވިޔަފާވެރިޔާ އުމުރުން 80 އަހަރުގައި މަރުވީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ފެޑެކްސްގެ ސީއީއޯ ރާޖް ސުބްރަމާނިއަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފްރެޑް އަކީ ބައިނަލްއަގުވާމީ ޑެލިވަރީގެ ހިދުމަތަށް އިންގާލާބީ ބޮޑު ބަދަލެއް ގެނެސްދީން މީހެއް ކަމަށާއި އޭނަ އަކީ ވަރަށް ދުރު ތަސައްވުރެއް ގެންގުޅުނު މީހެއް ކަމަށެވެ. އަދި ފްރެޑް އަކީ ފެޑެކްސްގެ ރޫހު ކަމަށާއި އޭނަގެ ވަކިވުމަކީ އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ބޮޑު ފަޅުކަމެއް ކަމަށެވެ.
ފެޑެކްސްގެ ހިދުމަތް އެންމެ ފުރަތަމަ ފެށި "ފެޑްކްސް އެކްސްޕްރެސް" ގެ ނަމުގަ އެވެ. އެގޮތުން 1971 އިން ފެށިގެން 1999 އާ ހަމައަށް ހިދުމަތް ދެމުން އައީ އެ ނަމުގަ އެވެ. ފެޑެކްސް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ 2000 ވަނަ އަހަރު އެވެ.
ފެޑެކްސްގެ ހިދުމަތް މުޅި ދުނިޔެ އަށް ފުޅާކޮށްފައިވާ އެ ހިދުމަތުގެ ލޮކޭޝަންގެ އަދަދު 2،000 އަށް ވުރެ ގިނަ އެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަދަދު 505،000 އަށް ވުރެ ގިނަ އެވެ.
ފެޑެކްސްގެ ބާނީ މަރުވި އިރު، ދެ ކައިވެންޏަކަށް 10 ކުދިން ލިބިފައިވެ އެވެ.