ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާކަާށްހާ އިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނަ އިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާފައިވާ ކަމަށް އެމްްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގަ އެވެ. މި ހާދިސާގައި މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ނަމަވެސް ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މި ހާދިސާގާ އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެެންޑީއެފުން ބުންޏެވެ.