Last Updated: June 25, 09:37
Wednesday, June 25, 2025
ޚަބަރު

ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އަމާން ހިޔާ އަށް

ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތް ހުރި ތަނުގައި އާ ހޮސްޕިޓަލެއް ތަރައްގީ ކުރަން ނިންމާފައިވާ ވަގުތީ ގޮތުން އެ ހޮސްޕިޓަލްގެ ހިދުމަތްތައް އެހެން ތަނަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެގޮތުން މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްއާ ދެމެދު އިއްޔެ ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ވިލިމާލޭގެ ހޮސްޕިޓަލްގެ ހިދުމަތް ވަގުތީ ގޮތުން ބަދަލު ކުރަން ނިންމީ އެ އަވަށުގައި ކުރިން ކުޑަކުދިންގެ ހިޔާ ހިންގި "އަމާން ހިޔާ" އަށެވެ.

އެތަނުގައި ވިލިމާލެ ހޮސްޕިޓަލު ހިންގާނީ ވިލިމާލޭގައި ހަދަން ނިންމާފައިވާ 112 އެނދުގެ އާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިމެންދެންނެވެ.

ވިލިމާލޭގެ އާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލެކެވެ.

އެ ހޮސްޕިޓަލްގެ "ލެޓާ އޮފް އެކްސްޗޭންޖް" ގައި ސޮއިކޮށްފައި ވަނީ މި މަހުގެ 4 ގަ އެެވެ. އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށެވެ. ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިމާލޭގައި ހަދާ އާ ހޮސްޕިޓަލަށް ކިޔާނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެވެ.