Last Updated: June 25, 09:44
Wednesday, June 25, 2025
ޚަބަރު

މިނިމަމް ވޭޖް ރިވިއު ޑިސެމްބަރަށް ނިންމަނީ

ދިވެހި މަސައްކަތްތެރިންނަށް ދޭން ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ލޭބާ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް މުރާޖައާ ނުކޮށް ލަސްވާ ސަބަބު ހޯދުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން އެ މަސައްކަތް ކުރުމަށް މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވައިލުމުގެ މަސައްކަތް ފަށައި މިދިޔަ އަހަރުގެ ޖުލައި 3 ގައި އާ މިނިމަން ވޭޖް އެޑްވައިޒަރީ ބޯޑެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން އައިއެލްއޯ) އާ ގުޅިގެން ކަމަށެވެ. ސއަދި އެކަމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް،" ހައިދަރު ވިދާޅުވި އެވެ. "މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން."

އޭނަ ވިދާޅުވީ މިނިމަމް ވޭޖަކީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ ކަމެއް ކަމަަށެވެ.

"އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭން ޖެހޭ މިނިމަން ވޭޖެވެ.

މިހާރު އޮތް ގޮތުން ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން މަހަކަށް 5،000ރ، މެދު ފަންތީގެ ވިޔަފާރިތަކުން މަހަކަށް 7،000ރ. ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުން މަހަކަށް 8،900 ރ. ދޭން ދޭން ޖެހެ އެވެ.

މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހެ އެވެ. ދެހާސް އެކާވީހުގެ ނޮވެމްބަރުގައި މިނިމަމް ވޭޖު ތައާރަފުކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައެއް ނުވެ އެވެ. ރިވިއު ކުރަން ޖެހޭ މުއްދަތު ހަމަވީ 2023 ނޮވެމްބަރަށެވެ.