Last Updated: June 10, 13:24
Wednesday, June 10, 2026
މުނިފޫހިފިލުވުން

އާމިރުގެ ފިލްމުގެ ޖަޒުބާތުގައި ގިނަ ބަޔަކު ޖެހިއްޖެ

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" އަށް އާންމުންނަށް ވަރަށް ކަމުގޮސް، ބޮކްސް އޮފީހުގައި ފިލްމަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށައިފި އެވެ.

މި ފިލްމަކީ 2022 ގައި ރިލީޒްކޮށް ވަރަށް ފިނި ތަރުހީބެއް ލިބުނު "ލާލް ސިންގް ޗައްޑާ" އަށް ފަހު، ބެލުންތެރިންނާ ހަމައަށް އައި އާމިރުގެ ފުރަތަމަ ފިލްމަށްވާތީ މި ފިލްމު ބެލުންތެރިންނަށް ކަމުގޮސް، ހިޓަކަށްވުމަކީ އާމިރަށް ވަރަށް މުހިއްމު ކަމެކެވެ.

"ސިތާރޭ ޒަމީން ޕަރް" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މި ފިލްމު ދައްކަމުން އަންނަ ވަރަށް ގިނަ ސިނަމާތަކުގެ ޝޯތައް ވެސް އިތުރުކޮށްފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ "ލާލް ސިންގް ޗައްޑާ" ގޮތަށް އާ ފިލްމަކީ ވެސް ބޭރުގެ ފިލްމެއް އަސްލަކަށް ބަލައިގެން ހެދި ފިލްމެއްކަމެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކުރި "ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" ގެ ރިމޭކެކެވެ. އަދި "ސިތާރޭ ޒަމީން ޕަރް" އަކީ ސްޕެއިންގެ 2018 ގެ ފިލްމު ކެމްޕިއޯނެސް (ޗެމްޕިއަންސް) އަސްލަކަށް ބަލައިގެން އާރްއެސް ޕްރަސައްނާ ޑައިރެކްޓްކުރި ފިލްމެކެވެ.

އެކަމަކު އާމިރުގެ ފިލްމު ގެނެސްދީފައި އޮތީ އިންޑިއާވަންތަކޮށް، އިންޑިއާގެ އޯޑިއަންސަށް ހެޔޮވަރުވާނެ ހުރިހާ ރަހަތަކަކަކާ އެކީގަ އެވެ. ގިނަ ބަޔަކު "ސިތާރޭ ޒަމީން ޕަރް" ގެ ޖާދޫގައި ޖެހުނު ސަބަބަކީ ވެސް އެއީ އެވެ.

މީގައި ދައްކުވައި ދެނީ ބާސްކެޓް ޓީމެއްގެ ހެޑް ކޯޗަކާއި ޓީމުގެ އޮފިޝަލަކާ ދެމެދު އަރާރުމެއް ހިނގައި، މަރާމާރީ ވެސް ހިންގުމަށް ފަހު، ކޯޗް އެ ނުތަނަސްކަމުގެ ތެރޭގައި މަސްތުވެގެން އިނދެ ދުއްވި ކާރެއް ފުލުހުންގެ ވެހިކަލާ އެކްސިޑެންޓްވުމުން ކޮމިއުނިޓީ ސާވިސްއެއްގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން އެކުލެވޭ ބާސްކެޓް ޓީމަކަށް ކޯޗްކޮށްދޭން ކޯޓުން ކުރާ އަމުރަކާ ގުޅިގެން ދެން ހިނގައިދާ ހެއްވާ މަޖާ ކަންތައްތަކެވެ.

އެގޮތުން އާމިރާ ހަވާލުކުރާ ޓީމަކީ ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ބަޔަކު އުޅޭ ޓީމަކަށްވާތީ، އެ ޓީމު ގޮވައިގެން އޭނަ މުބާރާތްތަކަށް ނުކުންނަން ކުރިމަތިލާން ގޮންޖެހުންތަކާއި އެކަން ކާމިޔާބުކުރާ ގޮތް ވަރަށް މަޖާކޮށް އަދި ވަރަށް އަސަރުން ފުރިގެންވާ ގޮތަށް "ސިތާރޭ ޒަމީން ޕަރް" ގައި ދައްކުވައި ދީފައިވެ އެވެ.

މި ފިލްމަށް ކްރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް، ގިނަ ކްރިޓިކުން ފިލްމަށް ފަހެކުން ތިނެއް ބައި އަދި ހަތަރު ތަރީގެ ރޭޓިން ވެސް ދީފައިވެ އެވެ.

"ސިތާރޭ ޒަމީން ޕަރް" އަކީ އާމިރު 2007 ގައި ގެނެސްދިން "ތާރޭ ޒަމީން ޕަރް" ގެ ހަނދާންތައް ވެސް އާކޮށް ވަރަށް ޖަޒުބާތީ ފިލްމެކެވެ.

މި ފިލްމަށް މިހާތަނަށް އިންޑި އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ 54.70 ކްރޯޑް ރުޕީސް (6.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އާމިރު ޕްރޮޑިއުސް ވެސް ކޮށްފައިވާ "ސިތާރޭ ޒަމީން ޕަރް" ހެދީ 90 ކްރޯޑް ރުޕީސް (10.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ބޮކްސް އޮފީހުގައި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ އަށް ބަލާ އިރު، މިއީ މި އަހަރު ބޮލީވުޑްގެ އެންމެ ބޮޑު އެެއް ހިޓަށްވުމުގެ ފުރުސަތު ބޮޑެވެ.