މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކަޝްމީރުގައި ޓެރަރިސްޓް ހަމަލާއެއްދީ ގިނަ ބަޔަކު މަރައިލި ހާދިސާ އަށް ފަހު އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވުމަށް ފަހު، ހާލަތު މިހާރު ބަދަލުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ އާއި ޕާކިސްތާނުން އެތަނެއްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އަބަދު ވެސް ކޯޅޭ ކަޝްމީރުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އެޕްރީލްގެ ހާދިސާ އަށް ފަހު، ކަޝްމީރަށްދާ ޓޫރިސްޓުން އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑެތި ގްރޫޕްތައް ހަދައިގެން ވެސް އެކި ހިސާބުތަކުން ޓޫރިސްޓުން ޒިޔާރަތް ކުރަމުންދާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ހާއްސަކޮށް އިންޑިއާގެ އެކި ހިސާބުތަކުން ކަޝްމީރަށް ދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްފައިވެ އެވެ.
އިންޑިއާގެ ވަރަށް ގިނަ ބަޔަކު އާންމުކޮށް ޗުއްޓީ ދާ އެންމެ މަގުބޫލު އެއް ތަނަކީ ވެސް ކަޝްމީރެވެ. ސަބަބަކީ އެތަނުގެ ގުދުރަތީ ރީތިކަމެވެ. ކޯރުތަކާއި ފެހި ވާދީތަކާއި ފަރުބަދަތަކާއި މާމެލާމެލީގެ ހިތްގައިމު ބަގީޗާތަކުގެ އިތުރުން ކަޝްމީރަކީ ސްނޯ ވެސް ފައިބާ ތަނަކަށްވާތީ ފިނި މޫސުމުގެ ތެރޭގައި ވެސް ވަރަށް ގިނަ ބަޔަކު އެތަނަށް ދެ އެވެ.
ކަޝްމީރުގެ ރީތިކަމުގެ ސަބަބުން އެތަނަކީ "ދުނިޔެމަތީގެ ސުވަރުގެއެއް" ގެ ގޮތުގައި ޒަމާނުއްސުރެ ސިފަކުރާ ތަނެކެވެ.
ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދޭ ކޯޅުންތަކުގެ ސަބަބުން ކަޝްމީރަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. މީގެ ސަބަބުން އެތަނުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ އަބަދު ވެސް ކަންބޮޑުވުންތަކެއް ހުރެ އެވެ.
އެޕްރީލް މަހުގެ 22 ގައި ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގާމަށް ދިން ހަމަލާ ވެސް އަމާޒުވީ ޓޫރިސްޓުން އުޅުނު ސަރަހައްދަކަށެވެ. އެ ހާދިސާގައި 26 މީހަކު މަރުވި އިރު، އެކަކު ފިޔަވައި އެންމެންނަކީ އިންޑިއާ މީހުންނެވެ. އޭގެ ތެރޭގައި ހަނީމޫނަށް ކަޝްމީރަށް ދިޔަ މީހުން ވެސް ހިމެނެ އެވެ.
އެޕްރީލްގެ އެ ހާދިސާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން އޮޕަރޭޝަނެއް ފަށައި މިދިޔަ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާތަކެއް ވެސް ދީފައިވެ އެވެ. އޭގެ ފަހުން ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަލާ އެކު، ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށް، ހަނގުރާމައެއްގެ ތުންމައްޗަށް ވެއްޓުމަށް ފަހު، ހަމަލާތައް ހުއްޓައިލަން އެއްބަސްވީ މިދިޔަ މަހުގެ 10 ގަ އެވެ.