Last Updated: June 25, 07:17
Wednesday, June 25, 2025
މުނިފޫހިފިލުވުން

ސަލްމާން ސައިޒުން ކުޑަވަނީ!

އަންނަ މަހު ޝޫޓިން ފަށަން ފްލޭންކޮށްފައިވާ ފިލްމުގައި ސިފައިންގެ މީހެއްގެ ރޯލު ކުޅެން ސަލްމާން ޚާން "ސައިޒުން ކުޑަވަމުން" އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ

އަޕޫރްވާ ލާކިއާ ޑައިރެކްޓްކުރާ ފިލްމުގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ސަލްމާން ހާއްސަ ޑައިޓަކާ އެކު ވޯކްއައުޓް ސެޝަންތަކެއް ކުރިއަށް ގެންދާ އިރު އަމާޒަކީ ހަށިގަނޑު އެއްކޮށް "ލީން" ކުރުމެވެ. އެހެންވެ އޭނަގެ ވަރުގަދަ މަސްތައް ވިރުވާލައި، ބިޔަކަން ކުޑަކޮށްލާނެ އެވެ.

ސަލްމާނަކީ އަބަދު ވެސް ފިލްމަތަކަށް ތައްޔާރުވާން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެކްޓަރެކެވެ. އެގޮތުން 2016 ގެ "ސުލްތާން" ގައި ރެސްލިން ތެޅުންތެރިއެއްގެ ރޯލު ކުޅެން އޭނަ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނަ އެވެ. އެ ފަހަރު ހަށިގަނޑު ބިޔަކުރީ އެވެ.

ސަލްމާން މިއަދު ސޯޝަލް މީޑިއާގައީ ޕޯސްޓްކުރި ފޮޓޯއަކުން އޭނަގެ ހަށިގަނޑު ބަދަލު ވަޒަންކޮށްލެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޕޫރްވާއާ އެކު 59 އަހަރުގެ އެކްޓަރު އަލަށް މަސައްކަތްކުރާ ފިލްމަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ.

ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ބަތަލާ އަކީ ޗިތުރަންގަދާ ސިންގް ހަމަޖައްސައި، ފިލްމަށް އިތުރު ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދިން "ސިކަންދަރު" އެވެ.