ބާރަ ގައުމަކުން ރާއްޖެ އަށް ކަނޑައެޅި ނޮން-ރެޒިޑެންސް ސަފީރުން މިއަދު އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ،
ރައީސް އޮފީހުގައި މިކަން ކުރިއަށް ދިޔައީ ވަކިވަކިންނެވެ.
ސަފީރުން ފަތްކޮޅު އެރުވި ގައުމުތަކަކީ ނޭޕާލާއި އީރާނާއި މިސްރާއި ސްޕެއިނާއި ނޯވޭ އާއި ސައިޕްރަސް އާއި ޕެރަގުއޭ އާއި އަލްޖީރިއާ އާއި ތަޖިކިސްތާނާއި ކެންޔާ އާއި ކެމްބޯޑިއޯ އަދި ގިނީ އެވެ. އެ ގައުމުތަކުގެ ސަފީރުން ފަތްކޮޅު އެރުމުން ރައީސް ސަފީރުންނާ ބައްދަލު ކުރައްވައި އެ ގައުމުތަކާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކުރެއްވި އެވެ.
ނޭޕާލުން ކަނޑައެޅި ނޮން-ރެޒިޑެންޓް އާ ސަފީރަކީ ޑރ. ޕޫރްނާ ބަހޫދޫރެވެ. ތަޖިކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ނޮން-ރެޒިޑެންޓް ސަފީރަކީ ބޮބޮކަލޮންޒޮދާ ލުކްމޮން އެެވެ. މިސްރުގެ އާ ނޮން-ރެޒިޑެންޓް ސަފީރަކީ އާދިލް އިބްރާހީމެވެ. ކެންޔާގެ އާ ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރަކީ ޕީޓާ މުންޔެރީ މައިނާ އެވެ. ކެމްބޯޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ނޮން-ރެޒިޑެންޓް ސަފީރަކީ ރޮތެ މާނީ އެވެ.
އަލްޖީރިއާ އިން ކަނޑައެޅި ނޮން-ރެޒިޑެންޓް އާ ސަފީރަކީ ޑރ. އަބްދެނޯރް ހެލީފީ އެވެ. އިރާނުން ރާއްޖެ އަށް ކަނޑައެޅި އާ ނަން-ރެޒިޑެންޓް ސަފީރަކީ ޑރ. އަލީރެޒާ ދެލްކޯޝް އެވެ. ސްޕެއިންގެ އާ ސަފީރަކީ ޖުއާން އެންޓޯނިއޯ އެވެ. ނޯވޭގެ އާ ސަފީރަކީ މޭ އެލިން-ސްޓެނާ އެވެ. ގިނީން ކަނޑައެޅި އާ ސަފީރަކީ ކޮންޓޭ އެލަސޭން އެވެ. އަދި ސައިޕްރަސް އިން ރާއްޖެ އަށް ކަނޑައެޅި ނަން-ރެޒިޑެންޓް އާ ސަފީރަކީ އެވަގޯރަސް ރިއޮނައިޑްސް އެވެ.
ޕެރަގުއާ އިން ރާއްޖެ އަށް ކަނޑައެޅި ސަފީރަކީ ފްލެމިން ރޯލް ޑުއާޓް ރަމޯސް އެވެ.