ލޯކަލް ކައުންސިލުތަކުގެ އެކައުންޓުތަކުގައި، އަހަރު ނިމޭ ހަރަދު ނުކޮށް ހުރި ފައިސާގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަކޮށްފި އެވެ.
ކައުންސިލުތަކުގެ ބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދިއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ހަރަދު ނުކޮށް ބާކީ ހުރި ކަމަށެވެ.
އޭނަ ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މާޗް މަހު ފޮނުވި ސިޓީއެއްގައިވާ ގޮތުން މިދިޔަ އަހަރު ކައުންސިލްތަކުން ހަރަދު ނުކޮށް ބާކީ 2.1 ބިލިއަން ރުފިޔާ ހުރި ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ކައުންސިލުތަކުގެ ބޭންކު އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ބާކީ ހުރި ފައިސާގެ އަދަދު، ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީ ބުނެފައިވާ ކަމަށާއި ކައުންސިލުތަކުގެ ބަޖެޓުން ފައިސާ ބާކީވާ އެއް ސަބަބަކީ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ވެހިކަލް ފީތަކާއި އޭގެ އިތުރުން ވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ބައެއް ހަރަދުތައް ހަމަޖެއްސުން ކަމަށެވެ.
"ދެން މިހާރު އޮތް ލޯކަލް ގަވަމަންޓު އޮތޯރިޓީ ގާނޫނުގައި އޮތް އުނިކަމެއް މި ފައިސާ އިތުރަށް ހަރަދު ކުރެވޭނެ ގޮތެއް ނެތުމަކީ،" އޭނަ ވިދާޅުވި އެވެ. "ސަބަބަކީ މިހާ ބޮޑު އަދަދެއް އެއްވެސް ބަޔަކަށް އަތް ނުލެވޭ ގޮތަށް ހުރި އިރުގައި މިއިން މަންފާކުރަނިވި އެއްވެސް ކަމެއް ކުރެވޭކަށް ނެތް."
ނާޒިމް ވިދާޅުވީ އެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ފައިސާ ބޭނުން ކުރެވެން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި ޓީ-ބިލު ވިއްކުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވެސް މި ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
އެެހެންވެ ކައުންސިލްތަކުން ބާކީ ކުރާ ބަޖެޓް ބޭނުން ކުރެވޭނެ ގޮތަކަށް ލާމަޒުކަޒީ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ބައެއް ކައުންސިލްތަކުން ބޭނުން ނުކޮށް ސޭވްކޮށްފައި ބަހައްޓާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ރާއްޖެ އިން ބޭރަށް ދަތުރު ކުރުންނ ފަދަ ބޭކާރު ކަންކަމަށް ހަރަދު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގަ ބަޖެޓަކުން ކޮންމެ އަހަރަކު ވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓްެ ގޮތުގައި މުޅި ބަޖެޓްގެ 5 ޕަސެންޓް ކަނޑައަޅަ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިހާރު އޮތީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށާއި ކައުންސިލްތަކަށްދޭ ބަޖެޓް ކުރަން ހިޔާލު ހޯދަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ.