Last Updated: June 25, 09:59
Wednesday, June 25, 2025
ޚަބަރު

އިންސްޕެކްޓާ ކޯހުގެ 4 ވަނަ ބުރު ނިންމާލައިފި

ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ ”އިންސްޕެކްޓަ ކޯސް” ގެ ހަތަރު ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ.

ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް ނިޒާމް މުޙައްމަދެވެ.

އަށް ހަފުތާގެ މުއްދަތަށް އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައ ކުރިއަށް ގެންދިޔަ ކޯހުގައި 31 ފުލުހަކު ބައިވެރިވެ އެވެ. އެއީ އެއީ 25 ފިރިހެން ފުލުހަކާއި ހަ އަންހެން ފުލުހެކެވެ.

މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެން ދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ޑިވެލޮޕިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައި ދީފައިވެ އެވެ.