Last Updated: June 25, 10:10
Wednesday, June 25, 2025
ޚަބަރު

ދިއްކޮށްލާ އަތަކީ ތެދުވެރި އަތަކަށް ވާން ޖެހޭނެ

ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރި ކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ވިދާޅުވެއްޖެ އެވެ.

އިންސްޕެކްޓާ ކޯހުގެ ހަތަރު ވަނަ ބުރު ނިންމާލަން މިއަދު އިސްކަންރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ
ފުލުހުންގެ އެހީތެރިކަން ބޭނުންވެގެން ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު، ފުލުހުން ވާން ޖެހޭނީ ވަރަށް ތެދުވެރި ބަޔަކަށް ކަމަށެވެ.

"ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތްކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން." ނަވީން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ދިވެހި މުޖުތަމައަކީ ހުޅުވިފައިވާ މުޖުތަމައަކަށްވުމާއެކު، އިންސްޕެކްޓަރ ކޯސް ފުރިހަމަކުރި ކަމަށް ވިޔަސް، ކޮންމެ ފުލުހަކުވެސް އަމިއްލަ ފަރުދީ ލެވެލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، ޑިސިޕްލިން ފުލުހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ނަޒާހަތްތެރި، ޒިންމާދާރު، ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮވައިގެން މަގުދައްކާ ފުލުހަކަށް ވާން މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގަތެވެ.

ނަވީން ވިދާޅުވީ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއަރުގައި ކޮމިޝަންޑް އޮފިސަރަކަށްވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. އެހެންވެ ފުލުހުންގެ ހިދުމަތުގައި ކުރިއަށް ދިއުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަން ޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތް ކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލު ކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް." ނަވީން ވިދާޅުވި އެވެ.