މުޅިން އަލަށް ބާއްވަން ހަމަޖެހިފައިބާ އުރީދޫ ނޭޝަންގެ "އެޓޯލް އީ-ސްޕޯޓްސް ލީގު 2025" އަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގެ ޓީމުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީ-ސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ އެވެ.
އުރީދޫން ބުނީ، މި މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އަންނަ މަހުގެ 4 އާ ހަމައަށް އޮންނާނެ ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ހަތަރު މަރުހަލާ އަކީ އައިލެންޑް ކޮލިފައިން، ކުއާޓަ ފައިނަލްސްގެ އިތުރުން ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.
މުބާރާތުގެ ޕްރައިޒް ޕޫލް ޕްރައިޒަށް ބަލާ އިރު މުޅިއެކު 50،000ރ. މުބާރާތަށް ވަނީ ކަނޑައަޅައިފަ އެވެ.
މުބާރާތުގައި ހޮވާނެ ވަނަތަކަކީ:
* ޗެމްޕިއަން: 25،000ރ.
* ރަނަރަޕް: 12،000ރ.
* ތިންވަނަ: 6،000ރ.
* ހަތަރުވަނަ: 3،000ރ.
* އެމްވީޕީ: 4،000ރ.
މުބާރާތުގައި ބައިވެރިވުމުގެ ގައިޑްލައިންގައިވާ ގޮތުން ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން ހިމަނަން ޖެހޭނެ އެވެ. އަދި ޓީމުތަކަށް ނަން ދިނުމުގައި އެއް ރަށަކުން ގިނަ ޓީމްތަކެއް ބައިވެރިވާ ނަމަ، ޓީމު ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް؛ އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަން ވާނެ އެވެ.
ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިއަކު ހިމެނިދާނެ އެވެ.
އުރީދޫ ނޭޝަން އެޓޯލް އީ-ސްޕޯޓްސް ލީގަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިންގ ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން އިތުރުކުރި މުހިއްމު ބޮޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންވެ މި މުބާރާތަކީ ވަރަށް ގިނަ ރަށްތަކެއް ތަމްސީލު ކޔރާނެ މުބާރާތަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އުރީދީން ބުންޏެވެ.