Last Updated: June 24, 09:26
Tuesday, June 24, 2025
ޚަބަރު

ގައުމު ހަމަމަގަށް އެޅުވޭނީ އެމްޑީޕީ އަށް: ނަޝީދު

ރާއްޖެ ހަމަމަގަށް އެޅުވޭނީ އެމްޑީޕީ އަށް ކަމަށާއި އެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް އަލުން އެ ޕާޓީއާ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެހާސް ތޭވީހުގައި އެ ޕާޓީ ދޫކޮށްލައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފަހު، ނަޝީދު ހިމެނޭހެން އެ ޕާޓީގެ މެންބަރުލުން އަލުން އެމްޑީޕީއާ ގުޅެން ރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ވަރުގެ ޕާޓީއެއް މުޅި އޭޝިޔާ ބައްރުގައި ވެސް ނެތް ކަމަށެވެ.

"އެމްޑީޕީއަކީ ދަންނަވަންތޯ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން،" ރާއްޖޭގެ ރައީސްކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުުރެއްވި ނަޝީދު ވިދާޅުވި އެވެ. "މި ނޫން ޕާޓީއެއް އޭޝިޔާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައި ނުވެސް ނެތް."

އެ މަނިކުފާނު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ކޮންގްރެސްގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރެއްވި އެވެ.

"އަޅުގަނޑު ޕާޓީއާ ދުރުގައި ދެ އަހަރެއްވަރުވެއްޖެ. އެހެންނަމަވެސް މިރޭ، މިތަނަށް އައިސް ހުންނަ އިރު، އިންތިހާއަށް އަޅުގަނޑު އުފާވޭ. އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި،" ނަޝީދު ވިދާޅުވި އެވެ. "އަލުން އަނބުރާ ގެއަށް އާދެވުމުން އެ ވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކު ވެސް ހިތުން ފިލައެއްނުދާނެ، ތިބޭފުޅުންނަށް ވަރަށް ވަރަށް ބޮަޑަށް ޝުކުރިއްޔާ."

އެ މަނިކުފާނު ވިދާޅުވީ ސިޔާސި މަސައްކަތުގައި އުޅުމުގެ ހަމައެކަނި ބޭނުމަކީ ދިވެހި ރައްޔިތުންގެ ހާލަތު ބަދަލު ކުރުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އެ އިތުބާރު ފުރިހަމަ ގޮތުގައި ރައްދުކޮށް ދޭނެ. ސިޔާސީ މަސައްކަތަކީ މާތް މަސައްކަތެއް. ސިޔާސީ ވެރިއަކަށް ސިޔާސީ މަސައްކަތުގައި އަޅުގަނޑުމެން މި އުޅެނީ ހަމައެކަނި އެންމެ ބޭނުމަކަށް،" ނަޝީދު ވިދާޅުވި އެވެ. "އެއީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް. ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތު ބަދަލުކޮށްދެވޭތޯ އަޅުގަނޑުމެން ބެލުމަށް."

އެ މަނިކުފާނު ވިދާޅުވީ އަންނަ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށާއި އެމްޑީޕީން އެ އިންތިހާބު ކާމިޔާބު ކުރަން ޖެހޭނެ ކަމަށެވެ.