Last Updated: June 25, 11:09
Wednesday, June 25, 2025
ޚަބަރު

މިހާރު އޮތީ ސްކޭމް ސަރުކާރެއް: ޝާހިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަވަނީ ސްކޭމް ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން އެކި ނަން ނަމުގައި އެތައް ސްކޭމެއް ހިންގާފައިވާ ކަމަށެވެ.

"ބޮޑު ސިންގާ ސްކޭމް ސަރުކާރެއް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ. ބަންކަރިންގެ ސްކޭމް. ޑޮލަރުގެ ސްކޭމް. ރަސްމާލެ، ބިއްލޫރި ޓަނަލްގެ ސްކޭމް. ޗާގޯސްގެ ސްކީމް. އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކީމް. ބޯހިޔާވެހިކަން އޮޅުވާލުމަށް، ފްލެޓްތައް އޮޅުވާލުމަށް އޮތް ސްކީމް،" އޭނަ ވިދާޅުވި އެވެ. "ޒުވާނުންނަށް އޮޅުވާލުމަށް ނިކުމެގެން އުޅޭ ސްކީމް. ޕާޓީގެ މެންބަރުންތައް ވަގަށް ފޭރިގަތް ސްކީމް. އެއީ މި ސަރުކާރަކީ."

ޝާހިދު ވިދާޅުވީ އާސަންދަ މެދުވެރިކޮށް ބޭސްގުޅައެއްހާ މިންވަރު ވެސް ނުލިބޭ އިރު، މި ސަރުކާރަކީ އެއްވެސް ގޮތެއް ކަމެއް ފުކެއް ނެތް ސަރުކާރެއް ކަމަށެވެ.

އޭނަ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މި ސަރުކާރުން ހުއްޓާލާފައިވާ އިރު، ރައްޔިތުންނާއި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާތައް ނުދީ އަދިވެސް ހިފަހައްޓައިގެން ތިބި ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފަށާފައި އޮތް މަޝްރޫއެއްވިއްޔާ ވަނީ ހުއްޓާލާފައި،" ޝާހިދު ވިދާޅުވި އެވެ. "އިއްޔެ ސަރުކާރުން އިއުލާން ކުރެއްވި ތިމަންނާމެން ފަސް ބިލިއަން ރުފިޔާގެ ލޯން ދައްކައިފީމޭ. 1.3 ބިލިއަން ރުފިޔާ އަދިވެސް ޖީބުގައި އެބައޮތޭ ސާޕްލަސް."

އޭނަ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދޭން ހުރި ފައިސާތައް ދީ އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާތައް ވެސް ދިނުމަށް ގޮވާލައްވައިފަ އެވެ.

"އެ ފައިސާ ދެއްވީމަ ތިޔަ ބާކީ ފައިސާ ހުންނާނީ. އެހެން ނޫނިއްޔާ ތިޔައީ ސްކޭމް ސަރުކާރެއް." ޝާހިދު ވިދާޅުވި އެވެ.