ހުކުމަކާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދެއްކި މައްސަލައަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް މާދަމާ އަށް ތާވަލުކޮށްފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓްގައި ރަޖިސްޓްރީ ކުރީ އެޕްރީލް 15 ގަ އެވެ. އަދި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 އަށެވެ.
ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަެޅީ ފެބްރުއަރީ 13 ގަ އެވެ.
އެގޮތުން ޣާލިބު ސަލީމު ކިޔާ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ މޯލްޑިވްސް އިސްލާމިކް ބޭންކް އެމްްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. ލޯނު ދެއްކުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024، ގަ އެވެ.
ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.
ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ދަރަނި ދައްކައި ހާލާސްކޮށްފައިކަން އެނގިފައިވެ އެވެ.