Last Updated: June 25, 11:28
Wednesday, June 25, 2025
ޚަބަރު

މެދުއިރުމަތީގައި އުޅޭ ދިވެހިންގެ ހާލަތު އެބަ ބަލަން

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާތީ، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އީރާނާއި އިޒްރޭލާ ދެމެދު މިހާރު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދާ އިރު، މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު އެ ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާ އެކު، ޤައުމުތަކުގައި ދިރިއުޅޭ އަދި މި ވަގުތު ޒިޔާރަތް ކުރަމުން އަންނަ ދިވެހިން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރި ނަމަވެސް، މިހާރު ބައެއް ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައިލަން ފަށައިފަ އެވެ.

އެއާ އެކު، އެ ސަރަޙައްދުގެ ފްލައިޓް އޮޕަރޭޝަންސް މިހާރު އަންނަނީ އަލުން ހަމައަކަށް އެޅެމުންނެވެ.