Last Updated: June 25, 11:02
Wednesday, June 25, 2025
މުނިފޫހިފިލުވުން

ކާޖަލްގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

އިންޑިއާގެ ފިލްމީ ބަތަލާ ކާޖަލް އަގަރްވާލްގެ 40 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ފިރިމީހާ އާއި ދަރިފުޅާއި އާއިލާގެ އިތުރު ބަޔަކާ އެކު ކާޖޮލްގެ އުފަން ދުވަސް ފާހަގަކުރީ ބެގްލިއޯނީ މޯލްޑިވްސްގަ އެވެ. އިންޑިއާގެ ދެކުނުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކާޖަލްގެ އުފަން ދުވަހަކީ ޖޫން 19 އެވެ.

އޭނަގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަށް ކުރި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކޮށް، ރިސޯޓުން ލިބުނު ފުރިހަމަ މެހުމާންދާރީ އަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ދެހާސް ވިހީގައި ކައިވެނިކޮށް ރާއްޖޭގައި ހަނީމޫން ވެސް ހޭދަކުރި ކާޖަލް އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ބަތަލާއެކެވެ. އޭނަގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ފިތުރު އީދުގައި ރިލީޒްކުރި ސަލްމާން ޚާންގެ "ސިކަންދަރު" އެވެ. ކާޖަލް އަކީ އަޖޭ ދޭވްގަންގެ 2011 ގެ "ސިންގަމް" ވެސް ބަތަލާ އެވެ.

އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ތެލެގޫ ފިލްމު "ކަނައްޕާ" ގެ ހާއްސަ ފެނިލުމަކުންނެވެ. ކާޖޮލްގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ދި އިންޑިއަން ސްޓޯރީ" އާއި ރަންބީރް ކަޕޫރްގެ "ރާމާޔަން" ހިމެނެ އެވެ.