Last Updated: June 25, 10:20
Wednesday, June 25, 2025
ޚަބަރު

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެ ސަމާލުވާނެ

އިރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މި ހާލަތާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ އަސަރުތައް ސަރުކާރުން ވަރަށް ފުންކޮށް ދިރާސާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި ގައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި އިންފްލޭޝަނާއި ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އެ ކަންކަން ބެލެހެއްޓުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ އެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް މި ހާލަތުގައި ކުރިމަތިވެދާނެ އެންމެހާ ދަތިތަކުން ސަލާމަތްވުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.