ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކައިވެންޏަށް އިއްޔެ އެއް އަހަރު ފުރުމާ ގުޅިގެން، ކައިވެނި ހަފުލާގެ މަންޒަރުތަކެއް ހިމަނައިގެން ވީޑިއޯ ލަވައެއް ފޭނުންނަށް ދޫކޮށްލައިފި އެވެ.
ޔޫޓިއުބަށް ދޫކޮށްލާފައިވާ ލަވައިގެ ނަމަކީ "މަސްތާނީ" އެވެ. މާޒީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ރާޝީ ސޫދާއި މާހިރު ބަވޭޖާބެ އިތުރުން ސަމްރާޓެވެ.
ސޮނާކްޝީ އާއި ޒަހީރު 7 އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫން 23 ގަ އެވެ. ކައިވެންޏަށް ފަހު ވަރަށް ލޯބިން އަދި ވަރަށް "ސަކަރާތްގަނޑު ބޮޑުކޮށް" އުޅޭ ދެމަފިރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މި ޖޯޑުގެ ކައިވެނީގެ ހަފުލާގެ މަންޒަރުތަކެއް ހިމަނައިގެން ވީޑިއޯ ލަވައެއް ގެނެސްދިން އިރު، ކައިވެނި ކުރުމުގެ ކުރިން ދެ މީހުން އެކީގައި ވީޑިއޯ ލަވައަކާއި ފިލްމެއް ވެސް ކުޅެފައިވެ އެވެ.
ދެ މީހުން އެކީގައި ކުޅުނު ވީޑިއޯ ލަވަ އަކީ 2022 ގެ "ބްލޮކްބަސްޓާ" އެެވެ. އަދި އެކީގައި ކުޅުނު ފިލްމަކީ އެ އަހަރު "ޑަބަލް އެކްސްއެލް" އެވެ.
ސަލްމާން ޚާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފުކުރި ޒަހީރަކީ ކުރިއަށް ދާން ރަނގަޅު އެއްވެސް ފުރުސަތެއް ލިބެމުން އަންނަ އެކްޓަރެއް ނޫނެވެ. މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކު 2010 ގެ "ދަބަންގް" އިންނެވެ.