Last Updated: June 25, 10:20
Wednesday, June 25, 2025
ޚަބަރު

ދިވެހިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި

މިހާރު ދިވެހި ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެމްޑީޕީ ދޫކޮށްލެވިއްތާ ދެ އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އަލުން އެ ޕާޓީއާ ގުޅުމަށް ރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މިހާރު ދައުލަތުގެ ދަރަނި ހުރީ ހައްދުން ނެއްޓިފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. ދިވެހި ދައުލަތުގެ ދަރަނި. ދިވެހި ސަރުކާރުގެ ދަރަނި. އެހެންވީމާ އަޅުގަނޑަށް ދަރާފައި އޮތް ދަރަނި،" ނަޝީދު ވިދާޅުވި އެވެ. "ސަރުކާރުންނަށް އަހަންނަށް ދޭން އޮތް އެތި، އަހަންނަށް ދަރާފައި އޮތް ދަރަނި. ދައުލަތުގެ ދަރަނި މިހާރު ހުރީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ ސަތޭކަ ވިހި ޕަސެންޓުގައި."

އެމަނިކުފާނު ވިދާޅުވީ ދަރަނި އެހާ ބޮޑު އިރު އެ ދަރަނި އަނބުރާ ދައްކާނެ ފައިސާ ވެސް ދައުލަތުގައި ރައްކާ ކުރެވިފައި ނެތް ކަމަށެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާންޖެހޭ. އަޅުގަނޑުމެންގެ އަތުގައި އެ ފައިސާ ރައްކާ ކުރެވިފައި އެބަ ހުރިތޯ؟ އެ ހުރި ނަމަ އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެ ފަހުން ބަލާލި އިރުގައި ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަނުގައޭ ބުނީ. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު ހިމެނިގެން. އެހެންވީމާ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިފަދަ ހާލަތަކުން ގައުމު ހަމަމަގަށް އަޅުވައި ރައްޔިތުންނަށް އުންމީދީ މަންޒަރުތަކެއް ދެއްކޭނީ ދެއްކޭނީ އެމްޑީޕީ އަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ދަރަނި ދެއްކުމުގެ އިތުރުން ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވެސް އެމްޑީޕީއަށް އެނގޭ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓީއެއް. އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އަނބުރާ އެކުލަވައިލަން ވެސް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނޭ ގޮތް ވެސް. އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ދެން ކުރަން އޮތީ ކޮން ކަމެއްކަން ވެސް."