ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރު ކުރަން ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިވެހިން ދުންފަތާ ދުރުކޮށް ދުޅަހެޔޮ މުޖުތަމަަކަށް ހެދުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވޭޕް މަނާކޮށްފައިވާ އިރު، ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި އެހެން ބާވަތްތަކުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފައިވެ އެވެ.
މީގެ އިތުރުން ދުންފަތާ ދުރު ޒުވާން ޖީލަކަށް މަގުފަހި ކުރުމުގެ ގޮތުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތާ ގުޅޭ ތަކެތު ވިއްކުން މަނާ ވެސް ކޮށްފައިވެ އެވެ.
ރާއްޖޭގައި ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ރައީސަށް ހާއްސަ އެވޯޑެއް ވެސް ދާދި ފަހުން އަރުވައިފަ އެވެ.