އީރާނާއި އިޒްރޭލްގެ ހަނގުރާމަ އަށް ވުރެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރާއްޖެ އަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އީރާނާއި އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން، ދުރާލައިު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސްކުރައްވައި ފަލާޙު ވިދާޅުވީ، ކުއްލި މައްސަލައިގައި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު އެ ސިނާއަތަކަށް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ޓޫރިޒަމަށް ގެއްލުން ލިބޭކަން ފާހަގަކޮށްފައި އޮތްއިރު އޭގެ މާނައަކީ ގައުމަށް ގެއްލުމެއް ދޭން އެމްޑީޕީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އެ ޕާޓީން އިސްކުރީ އެ ދާއިރާ ކަމަށެވެ.
"އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް [އިދިކޮޅު] އެންމެ ބޮޑު ސިޔާސީ ޕާޓީ. އެމްޑީޕީއަކީ އެންމެ ގިނައިން ދައުލަތުން އާމްދަނީ ވެސް ލިބޭ ޕާޓީ އަދި އެ ފައިސާއަށް ވާ ގޮތެއް ނޭނގުނަސް،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް ހިތާމައެއް އެބައޮތް އިއްޒަތްތެރި ރައީސް. ހިތާމައަކީ މި ހަނގުރާމައަށް ވުރެ، މި ގައުމަށް އެމްޑީޕީގެ ފަރާތުން ލިބޭ ގެއްލުން ބޮޑުކަން."
ފަލާހު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކަށް އެމްޑީޕީގެ ވެރިން ވަޑައިގެން، ރާއްޖޭގެ 'ބޮއިކޮޓް' ކުރުމަށް ގޮވާލާފައިވާކަން ތާރީޚުން ވެސް ފެންނަން އޮތް ކަމަށެވެ.
އޭނަ ވިދާޅުވީ އެ ހަނގުރާމައިގެ ސަބަބުން ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކުއްލި މައްސަލައެއް ހުށަހެޅިއިރު، ސަރުކާރުން މިހާރު ވެސް ދަނީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.