Last Updated: June 25, 21:52
Thursday, June 26, 2025
ޚަބަރު

މިދިޔަ މަހު އާމްދަނީ އަށް ވުރެ ހަރަދު ބޮޑު

އައްޑޫ ސިޓީ ކައުންސިލް އިދާރާ. ފޮޓޯ. ސިޓީ އޮފް އައްޑޫ

އައްޑޫ ސިޓީ ކައުންސިލަށް މިދިޔަ މަހު ލިބުނު އާމްދަނީ އަށް ވުރެ ހަރަދު ބޮޑު ކަމަށް ދައްކައިފި އެވެ.

ކައުންސިލުން އާންމުކުރި މިދިޔަ މަހުގެ މަސައްކަތުގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި މެއި 1-31 ގެ ނިޔަލަށް ލިބިފައި ވަނީ ޖުމްލަ 10.7 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ސީދާ ކައުންސިލުން ހޯދި އާމްދަނީގެ އަދަދަކީ 2.8 މިލިއަން ރުފިޔާ އެވެ. ބާކީ އަދަދަކީ ސަރުކާރުން އެހީގެ ގޮތުގައި ދީފައިވާ 8 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހުގެ ހަރަދަށް ޖުމްލަ 11.01 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް ހޭދަވި 10.3 މިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ހޭދަވި 788،100ރ. އެވެ.

މިދިޔަ މަހުގެ އާމްދަނީ އާއި ހަރަށް ބަލާ އިރު، އެންމެ ބޮޑު ހަރަދަށް ހިނގާފައި ވަނީ މުވައްޒަފުންނަށެވެ. އެއީ 6 މިލިއަން ރުފިޔާ އެވެެ.

ކައުންސިލުން ބުނީ މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދު ރިޕޯޓްގައި ހިމެނެނީ އޮޑިޓްކޮށްފައިވާ އަދަދުތަކެއް ނޫން ކަމަށްވާތީ އަދަދުތަކަށް ބަދަލު އައުމަކި އެކަށީގެންވާ ކަމެއް ކަމަށެވެ.

ދާދި ފަހުން ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިްނ އެންމެ ބޮޑު އާމްދަނީ ހޯދަނީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ.