Last Updated: June 26, 09:06
Thursday, June 26, 2025
މުނިފޫހިފިލުވުން

އަބީޝެކަށް ސޯލޯ އެކްޝަން ފިލްމެއް

އަބީޝެކް ބައްޗަން އަށް ސޯލޯ އެކްޝަން ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަދި ނަން ސާފު ނުވާ މި ފިލްމަކީ "އެނިމަލް" އާއި "ކަބީރް ސިންގް" އަށް ފަހު، މިހާރު "ސްޕިރިޓް" ހަދަން ތައްޔާރުވަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާއާ އެކު އެސިސްޓަންޓް ޑައިރެކްޓަރއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝަންމުކާ ގޯތަމް ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަން ހަދާ ފިލްމު ކަމަށެވެ.

ފިލްމުގެ ބަތަލު ރޯލު އަބީޝެކަަށް ހުށަހެޅި އިރު، ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި އޮތީ މި އަހަރުގެ ފަހުކޮޅު އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ މިދިޔަ އެޕްރީލްގައި ގެނެސްދިން ސަނީ ޑިއޯލްގެ "ޖާޓް" ގެނެސްދިން ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޕީޕަލްސް މީޑިއާ ފެކްޓަރީން ބުންޏެވެ.

ޕިންކްވިލާ އިން ބުނީ މިހާތަނަށް އަބީޝެކް ފެންނާނެ އެންމެ ތަފާތު ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމަށް އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "ހައުސްފުލް" އެވެ. ދެން އެންމެ އަވަހަށް އޭނަ ފެންނާނީ އަންނަ މަހުގެ 4 ގައި ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑްރާމާ ފިލްމު "ކާލީދާރު ލާޕަތާ" އިންނެވެ.

އަމީތާބް ބައްޗަންގެ ދަރިފުޅު، އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ކިންގް" ގެ އިތުރުން "ރާޖާ ޝިވާޖީ" ކިޔާ ފިލްމެއް ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ކިންގް" ގެ މައި ވިލަން އަކީ އަބީޝެކެވެ.