Last Updated: June 26, 09:40
Thursday, June 26, 2025
ޚަބަރު

ފިނޭންސް މިނިސްޓަރު ޗައިނާ އަށް

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ބެއިޖިންއަށް ފުރާވަޑައިގެންފި އެވެ.

މި ބައްދަލުވުން ޗައިނާގެ ބެއިޖިންގައި ކުރިއަށްދާނީ މި މަހުގެ 26 ގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން"، މި މައުޟޫއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުން ހިއްސާކުރައްވާނެއެވެ. މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަ ދައްކަވާނެ އެވެ.

އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން ބެއިޖިންގައި ކުރިއަށްދަނީ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގަ އެވެ. މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަގްވާމީ މާހިރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި އަހަރުގެ ބައްދަލުވުމުގެ ތީމަކީ "ތަރައްގީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުން"، އެވެ. މިއީ އޭއައިއައިބީގެ އިސްތިރާޖީ އަމާޒު ދައްކުވައިދޭ ތީމެކެވެ. އެއީ ތަރައްގީއަށް ބޭނުންވާ ގުޅުވައިލުމާއި ކުރިއެރުން ހާސިލުކުރުމުގައި އިންފްރާސްޓްރަކްޗަގެ ދައުރާއި، ތަރައްގީގެ ގޮންޖެހުންތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

މި އަހަރުގެ ބައްދަލުވުމަކީ ބޭންކަށް 10 އަހަރު ފުރުން ފާހަގަކުރާ އިވެންޓެކެވެ. މިއީ ބޭންކުގެ މުސްތަގްބަލާ މެދު މަޝްވަރާކޮށް، ބޭންކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިންމު ފުރުސަތެކެވެ. މި ބައްދަލުވުމުގައި އޭއައިއައިބީ އަށް އާ ރައީސަކު އިންތިޚާބުކުރުން ވެސް އޮންނާނެއެވެ.

ތިން ދުވަހުގެ މި ބައްދަލުވުމުގައި 3,500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެން، ބޭންކުގެ ހަތަރު ތަނބު ކަމަށްވާ ގްރީން އަދި ދެމެހެއްޓެނިވި ފައިނޭންސިން، ބޯޑަރު ހުރަސްކޮށް ގުޅުވައިލުން އަދި ސަރަހައްދީ ގުޅުން، އަމިއްލަ ފަރާތްތަކުގެ ފައިސާގެ ބޭނުން ހިފުން، އަދި ޑިޖިޓަލް ބަދަލުވުން އަދި ސްމާޓް އިންފްރާސްޓްރަކްޗަރއާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި އޭއައިއައިބީގެ ފައުންޑިން މެންބަރެކެވެ. އޭއައިއައިބީން ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.