ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށްފި އެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިން ދިނުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި، ހުނަރާއި، ތަޖުރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ މަސައްކަތެކެވެ. މި މަސައްކަތް ފެށީ ތަމްރީނު ނަގައިދިނުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ސަނަދު ހާސިލްކޮށްފައިވާ 35 މުވައްޒަފުންނާއެކު ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދީފަ އެވެ. މީގެތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނެ އެވެ.
ސްޓެލްކޯ އިން ބުނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.