Last Updated: June 26, 08:54
Thursday, June 26, 2025
ޚަބަރު

ލިންކް ރޯޑް މަރާމާތު ކުރަން ފަށައިފި

އައްޑޫ ލިންކް ރޯޑް މަރާމާތު ކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މި މަސައްކަތް ކުރަނީ ކައުންސިލްގެ ހަރަދުގައި ތާރު ގެނެސްގެން ކަމަށާއި މިފަހަރު ގަމުން ފެށިގެން ހިތަދޫއާ ހަމައަށް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ލިންކް ރޯޑު މިވަގުތު އޮތީ ނާޒުކު އަދި މަރާމާތު ވެސް ނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާތީ މިކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ފެށީ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި އުއްމީދަކީ ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމުން ކަމަށާއި ނަމަވެސް މިއީ ބުރަ މަސައްކަތެއް ކަމުން މިކަމަށް ވަގުތު ނަގާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ލިންކް ރޯޑު މަރާމާތު ކުރުމަށް 50 ޓަނުގެ ތާރު ގެނެސްފައިވާ ކަމަށާއި އަދި އެވަރުން ވެސް ނުވާނަމަ ތާރު ހޯދައިގެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލަށް މިފަދަ ކަންކަން ކުރެވެނީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އާމްދަނީ ލިބޭތީ ކަމަށާއި ކައުންސިލަށް އާމްދަނީ ލިބޭ މިންވަރަކުން ސަރުކާރަށް ކުރަން ލަސްވާ ކަންކަން ކައުންސިލްގެ ހަރަދުގައި ކުރަމުންދާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑު މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ފެށިއިރު ލިންކް ރޯޑް އަލުން ތަރައްގީ ކުރަން ސަރުކާރުން މިދިޔަ އޭޕްރީލް މަހު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. ނަމަވެސް ތާރު އެޅުމުގެ ގާބިލުކަން މިވަގުތު އާރްޑީސީގައި ނެތް ކަމަށާއި އެ ކުންފުންޏަށް ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.