ކައުންސިލަރުންނަށް ހާއްސަކޮށްގެން ބާއްވާ ޚަތީބުކަމުގެ ކޯހަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު ހަމަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ކޯހުގައި ބައިވެރިވާން ރާއްޖޭގެ ހުރިހާ ފިރިހެން ކައުންސިލަރުންނަށް މިނިސްޓްރީން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ. ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މިއަދު މެންދުރު ފަހު 1:00 އެވެ.
އިމާމުވެ ހުކުރު ނަމާދު ކުރާނެ މީހުން ބިނާކުރަން މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ކައުންސިލަރުންނަށް ހާއްސަކުރި ކޯހުން ޖާގަ ދޭން ނިންމާފައި އޮތީ 50 ކައުންސިލަރުންނަށެވެ. ޖުމްލަ 15 ހަފުތާގެ މުއްދަތަށް ހިންގަން ހަމަޖެހިފައިވާ ޙަތީބުކަމުގެ ކޯހަށް ބައިވެރިން ހޮވާނީ ކީރިތި ޤުރްއާން ފަރިތަކަމާ އެކު ކިޔަން އެނގޭ މިންވަރާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔުމުގެ ފަރިތަ ކަމަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަފުތާއަކު ފަސް ދުވަހު ސެޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކޯސް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ
އިސްލާމިކް މިނިސްޓްރީން ބުނީ ކައުންސިލަރުންނަށް ހާއްސަކުރި ޚަތީބުކަމުގެ ކޯހަށް ކުރިމަތިލާ ކައުންސިލަރުންނާ އިންޓަވިއު ކުރުން އޮންނާނީ މި މަހުގެ 29 އާއި 30 ގައި ކަމަށެވެ.
މި ލިންކް forms.gle/6eoHUvc7KkexRRv37 މެދުވެރިކޮށް ކޯހަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.