އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި، ސޯރަވް ގަންގޫލީގެ ވާހަކަ ކިޔައިދޭން ހަދާ ބައޮގްރަފިކަލް ޑްރާމާ އަށް އެންމެ ފަހުން އެކްޓަރަކު ފައިނަލްކޮށްފި އެވެ.
މި ފިލްމަކީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ތޫ ޖޫޓީ، މޭ މައްކާރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމު ކުންފުނި، ލަވް ފިލްމްސް އިން 2021 ގައި އިއުލާންކުރި ފިލްމެކެވެ.
ފިލްމު އޭރު އިއުލާންކުރި ފަހުން، މީގައި ގަންގޫލީގެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެގޮތުން ރިތިކް ރޯޝަނަށް ފިލްމު ހުށަހެޅި ވާހަކަ އާއި އޭގެ ފަހުން ރަންބީރް ކަޕޫރަށް ގަންގޫލީގެ ރޯލު ދިން ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ. އަދި އަޔޫޝްމަން ކްރާނާއާ އަށް ވެސް މި ބައޯޕިކް ކުޅެން ހުށަހެޅި ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ނަމަވެސް އެ ހުރިހާ ވާހަކައެއް މާޒީވެ މިހާރު މިއޮތީ ފިލްމަށް އެކްޓަރަކު ހަމަޖައްސައިފަ އެވެ. އެއީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ރާޖްކުމާރު ރާއޯ އެވެ.
އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި އޭނަ އެކަން ކަށަވަރުކޮށް ދެމުން ބުނީ ގަންގޫލީ ކަހަލަ ލެޖެންޑެއްގެ ރޯލު ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ ހަގީގަތުގައި އަހަންނަށް ނަގަން ޖެހުނު ވަރަށް ބޮޑު ޒިންމާއެއް ވެސް. އެހެންވެ ނާވަސް ވެސް ވެފައި މި ހުންނަނީ." ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރު ބުންޏެވެ.
ގަންގޫލީގެ ރޯލު ކުޅެން ލިބުނު އިރު، ރާޖް ވަނީ ކުރިން ވެސް ފިލްމެއްގައި ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅެފަ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން "މިސްޓަ އެންޑް މިސިޒް މާހީ" ގަ އެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ރާޖް ކުރިން ވެސް ދެ ބައޮގްރަފިކަލް ޑްރާމާއެއް ކުޅެފައިވާކަމެވެ. އެއީ 2017 ގެ "އޮމެރުތާ" އާއި މިދިޔަ އަހަރުގެ "ސްރީކާންތު" އެވެ.
ގަންގޫލީގެ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެކަމަކު މީގެ ޑައިރެކްޓަރަކީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
ދާދި ފަހުން ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު "ބޫލް ޗުކް މާފް" އަށް ފަހު، ރާޖްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 11 އަށް ތާވަލުކޮށްފައި އޮތް ގޭންގްސްޓާ އެކްޝަން ތުރިލާ "މާލިކް" އެވެ.