ދާދި ފަހުން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަރީދުގެ ދެ ދަރިކަލު ބަންގްދޭޝް އަށް ފުރައިފި އެވެ.
ދިވެހިންގެ މާލީ އެހީގައި އެ މިސްކިތް ބިނާކުރަން އިސް ނެގި ހިދުމަތް ޖަމިއްޔާގެ ޓީމާ އެކު ބަންގްލަދޭޝް އަށް ފަރީދުގެ އާއިލާ އިން އިއްޔެ ފުރީ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު އެވެ.
މެލޭޝިއާ އަށް ވަޑައިގަތް ތަނުން ހާޓްއެޓޭކެއް ޖެހިވަޑައިގެން އެއާޕޯޓްގައި ފަރީދު އަވަހާރަވި މި މަހުގެ 9 ގަ އެވެ. އޭނަގެ ޖަނާޒާ ވެސް ބޭއްވީ އެ ގައުމުގަ އެވެ.
އިސްލާމް ދީނަށްޓަކައި ފަރީދު ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބަންގަލަދޭޝްގައި ހަނދާނީ މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާ އިން ނިންމީ މި މަހުގެ 11 ގަ އެވެ. އަދ އެކަމަށް އެހިވާން ހުޅުވައިލިތާ މާ ގިނަ އިރުތަކެއް ނުވަވީސް މިސްކިތް ބިނާކުރަން ލަފާކުރި ބަޖެޓް ވެސް ލިބިފައިވެ އެވެ.
ހިދުމަތް ޖަމިއްޔާ އިން ބުނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާނީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އެ މިސްކިތަށް ހަރަދު ވާނެ ކަމަށް އަންޒާދާކުރި ބަޖެޓަކީ 760،000ރ، އެވެ.
ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް ހިދުމަތް ޖަމިއްޔާ އިން މިސްކިތެއް ބިނާކުރަން ނިންމާފައިވެ އެވެ.