Last Updated: June 27, 10:24
Friday, June 27, 2025
ޚަބަރު

އެމްޑީޕީގެ އަހަރީ ދުވަހަށް ގިނަ ހަރަކާތްތަކެއް

އެމްޑީޕީ އަށް 20 އަހަރު ފުރުން ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ޕާޓީ އަށް މާދަމާ 20 އަހަރު ފުރޭނެ ކަމަށެވެ.

އެހެންވެ މާދަމާގެ ހަރަކާތްތައް ފަށާނީ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ބާއްވާ ހެދުނު ސަޔަކުން ކަމަށާއި އޭގެ ފަހުން 9:00 ގައި އެ ޖަގަހައިގައި އަދި ރަށްރަށުގެ ޖަގަހަތަކާއި އޮފީސްތަކުގައި ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެހެން އަހަރެކޭ އެއްގޮތަށް މި ފަހަރުޔ ވެސް ކޭކު ފެޅުން އޮންނާނެ އެވެ.

އަހަރީ ދުވަހާ ގުޅުވައިިގެން އެމްޑީޕީން ބާއްވަ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާދަމާ މެންދުރު ފަހު ބާއްވާ ފުޓްސަލް މުބާރާތަކާއި ޒުވާނުންގެ ރޫހުގެ ފަރާތުން އަލަށް މިރޭ ތައާރަފުކުރާ ޕޮޑްކާސްޓެއް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ޖަލްސާއެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ފުރަތަމަ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 11 ގައި ކުޅުދުއްފުށީގަ އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18، ގައި ދުވުމެއް ފަށަން ނިންމާފައިވާ ކަމަށާއި އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް މިއަދު ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީ އަށް 20 އަހަރު ފާހަަގަކުރުމުގެ ގޮތުން ދިގުދެމިގެންދާ ހަރަކާތްތަކެއް ރޭވުމުގެ ބޭނުމަކީ އެމްޑީޕީން ރާއްޖެއަށް ގެނައި ރަނގަޅު ބަދަލުތައް ފާހަގަކުރުމާއި ރަށްރަށުގައި ތިބި މެންބަރުންގެ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކުރުން ކަމަށެވެ.

އެގޮތުން މިއުޒިކު ޝޯއަކާއި ކާނިވަލެއްގެ އިތުރުން އާޓު އެގްޒިބިޝަނެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެ ޕާޓީން ބުނީ ކަންކަން ފައިނަލްވެގެން އަންނަވަރަކުން އިތުރު މައުލޫމާތު މީޑިއާތައް މެދުވެރިކޮށް މެންބަރުންނާއި ރައްޔިތުންނަށް ދެމުންދާނެ ކަމަށެވެ.

އެމްޑީޕީއަކީ މިހާރު އަމަލު ކުރަމުން އަންނަ ފެގި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ.