Last Updated: June 27, 10:40
Friday, June 27, 2025
ޚަބަރު

ސިނާން ދަރަނި ދެއްކުން ލަސްވީ ހުކުމްކުރިކަން ނޭނގޭތީ

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ދަރަނީގެ ފައިސާ ދެއްކުން ލަސްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގައިރު ހާޒިރުގައި ކުރި އެ ހުކުމް އޮތްކަން ނޭނގޭތީ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފެބްރުއަރީ 13 ގަ އެވެ.

އެގޮތުން ޣާލިބު ސަލީމު ކިޔާ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ.

ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ދަރަނި ދައްކައި ވަނީ ހަލާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިނާންގެ ވަކީލު ވިދާޅުވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ސިނާންގެ ގައިރު ހާޒިރުގައި ކަމަށާއި މިގޮތަށް ހުކުމް ކުރީ އެ މައްސަލައަށް އައްޔަންކުރި ވަކީލު ހާޒިރުނުވެވޭނެ ކަމަށް އަންގާފައިވަނިކޮށް ކަމަށެވެ.

"އާންމުންނަށް ވެސް އެނގުނު ބީދައިން ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުނު ހިސާބުންނޭ އަޅުގަނޑުމެންނަށް ވެސް މައްސަލަ ހުށަހެޅުނުކަން އެނގުނީ،" ސިނާންގެ ވަކީލު ވިދާޅުވި އެވެ.

މި އަޑުއެހުމުގައި ޣާލިބުގެ ވަކީލް އިބްރާހިމް ޝިޔާމް ވަނީ، ހަ މަސް ތެރޭ، ކޮންމެ މަހަކު ވެސް ވަކި ވަރެއް ދައްކަން ހުކުމް ކޮށްފައި ވީ ނަމަވެސް ސިނާން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި އެހެންކަުން މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ފައިސާ ދެއްކި ގޮތުގެ ތަފުސީލުތައް އެ ކޯޓާ ހިއްސާކޮށްދިނުމަށް އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށް ސިނާނަށް މުއްދަތު ދީފަ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ.