މިއަދު ހެނދުނު ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރި އެވެ. އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި 3 ބިދޭސީންނެވެ.
އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދެ މީހުން ގެއްލުނު ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފެނުނުއިރު، އޭނާ ވަނީ ނިޔާވެފަ އެވެ. ނިޔާވެފައި ވަނީ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދެވެ. އޭނާގެ ހަށިގަނޑު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.