ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މިއަދު ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭއިން މޭޔަރު ސައުދު ސަސްޕެންޑު ކުރީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ. އަދި ކައުންސިލުގައި ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތް ދީ، މުސާރައިގެ އިތުރުން ގާނޫނާ ހިލާފަށް ކައުންސިލަރުން ނަގާފައިވާ ފައިސާ އަނބުރާ ދިނުމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.
އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށްގެންދިޔަ އިންކުއަރީއަށްފަހު އެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފަ އެވެ.
މި އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން ނަގަން ނިންމި 5,000 ރުފިޔާގެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެ އެވެ. އަދި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސާއި މެމްބަރުން ނެގި ކަމަށްވެސް އެލްޖީއޭއިން ބުނެ އެވެ. އަދި ސިވިލް ސާވިސް ގާނޫނާއި ހިލާފަށް އިއުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެލްޖީއޭގެ އިންކުއަރީގައި ފާހަގަކޮށްފައިވެ އެވެ.