Last Updated: June 26, 23:59
Friday, June 27, 2025
ޚަބަރު

ނިޔާވި ސިފައިންގެ މީހާގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މިއަދު ހެނދުނު ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ނިޔާވި ސިފައިންގެ މީހާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވީ ސިފައިންގެ ވޮރަންޓު އޮފިސަރު 2 އަލީ ހާމިދެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހާމިދު, މި ދުނިޔެ އާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތް ކުރައްވާފައިވާކަން ފާހަގަ ކުރައްވާ އޭނާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ކުރަމެވެ," ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރި އެވެ. އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި 3 ބިދޭސީންނެވެ.

އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.