ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ އެއްވެސް ކަހަލަ ޑީލެއްގެ ދަށަކުން ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާސް ތޭވީހުގައި އެ ޕާޓީ ދޫކޮށްލައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފަހު، ނަޝީދު ހިމެނޭހެން އެ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުނީ މިދިޔަ ހޯމަ ދުވަހު އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއަށް އަލުން އަނބުރާ ގުޅިވަޑައިގެންނެވީ ޑީލެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ "ހިޔާލީ ފޮލާތަކެއް" ކަމަށާއި ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވީ މަގާމެއްގެ ވާހަކަ ދައްކާފައި ނުވަތަ ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކައެއް ވެސް ދައްކަވާފައި ނޫން ކަމަށެވެ.
"އެހެނެއް ނޫން ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމުގެ ވިސްނުންފުޅުގައި، އެކަމުގައި އެހީތެރިވެދޭން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ނިޒާމީ ވާހަކަތަކަކީ އަބަދުވެސް ނަޝީދު ދައްކަވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެމްޑީޕީއާ އަލުން ނަޝީދު ގުޅިވަޑައިގެންނެވީ އެފަދަ ވާހަކައެއް ދެކެވިގެން ނުވަތަ އެއްވެސް ޝަރުތެއް ކޮށްގެން ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ 2028 ގެ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.