Last Updated: June 27, 10:14
Friday, June 27, 2025
ޚަބަރު

ބަންގި އާއި ޤަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކުރަނީ

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށާއި މިގޮތަށް ކަނޑައަޅާފައި ވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.