ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގައި ތަފާތު އާ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ސީއީއޯ ޝަރީފު ބުދަ ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނަ ކަމަށެވެ. އެގޮތުން އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަން އަންނަނީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ހިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމަށެވެ. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓް ތަކާއެކު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ހިޔާލާއި މަޝްވަރާ ހޯދަމުން އަންނަ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އާ ޓާމިނަލުގައި ތަފާތު އާ ޓެކްނޮލޮޖީ ބޭނުންކުރާނެ. އެތެރެއާއި ބޭރުގައި ދިވެހިވަންތަ ސިފަތައް ފެންނާނެ. ފަސިންޖަރުންނަށް ފަސޭހަ އާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.
އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.