ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ 80 ޕަސެންޓް ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބޭނީ 20 ޕަސެންޓް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ދަތުރުތައް މި ހަފްތާގައި ފަށާނެ ކަމަށާއި ކައުންސިލް އިންތިހާބުގައި ޕީއެންސީން 80 ޕަސެންޓް ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.
"ރައީސް ނަޝީދު އޮތީ ހިސާބު ޖަހާފަ 20 ޕަސެންޓޭ އަޅުގަނޑުމެންނަށް ލިބޭނީ. އޭތި ބަދަލުކޮށްލާ ހަތަރު ގުނައަށް. 80 ޕަސެންޓުން އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެން ޕީއެންސީން ކާމިޔާބު ކުރާނެ،" ފަލާހު ވިދާޅުވި އެވެ.
މި ސަރުކާރުން އަންނަނީ މުޖުތަމައުގެ ތެރޭގައި ހުރި ނުބައި ހުރިހާ ކަމެއް ހައްލުކުރަމުން ކަމަށާއި އަދި މި ފަސް އަހަރުތެރޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ.