Last Updated: June 28, 09:52
Saturday, June 28, 2025
ރިޕޯޓް

ރަސޫލާ ހިޖުރަކުރެއްވުން!

ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަހާބީބޭކަލުން މައްކާ ދޫކުރައްވައި މަދީނާ އަށް ވަޑައިގެންނެވީ ކީއްވެ؟

އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންވި ސާހިބާ އެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވާ އެކިއެކި ކަންކަމުގައި ޢަމަލުކުރަން ޖެހޭ ގޮތް ނަބަވީ ސުންނަތަށް ރުޖޫޢަވުމުން ފެނިގެން ދާނެ އެވެ.

މުޞީބާތުގެ ވަގުތުތަކާއި، އުފާވެރިކަމުގެ ވަގުތުތަކުގައި ކަންތައް ކުރަން ޖެހޭ ގޮތެވެ. މުއްސަނދިކަމާއި، ފަޤީރުކަމުގެ ޙާލަތުގައި ކަންތައް ކުރަންޖެހޭ ގޮތެވެ. އެކަލޭގެފާނު ވަނީ މާތް ﷲ އަށް ފުރިހަމަ އަށް ވަކީލުކޮށް ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވެ ވަޑައިގަންނަވާފަ އެވެ. އެއީ ނުހަނު ލޯބިވި، އުފަން ރަށް ދޫކުރައްވައި ނިކުންނަން ޖެހުނު ކަމުގައިވިއަސް މެ އެވެ. ނަބިއްޔާ صلى الله عليه وسلم އާއި އެކެލޭގެފާނުގެ ޞަޙާބީން މައްކާ އިން މަދީނާ އަށް ޙިޖުރަ ކުރެއްވި ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ.

ބައެއްގެ މައްޗަށް އެބައިމީހުންގެ ދުޝްމަނުން އަތްގަދަކޮށްފި ނަމަ އެއީ ބޮޑު ކަމަކަށް ވެގެންދެ އެވެ. އެބޭކަލެއް ދެކެ އަހަރެމެން ލޯބިވުން ލާޒިމުވެގެންވާ، ނަބިއްޔާ صلى الله عليه وسلم އަށް ދުޝްމަނުންގެ އުނދަގޫތަކާއި އަނިޔާތައް ކުރިމަތިވި އެވެ. އަނިޔާތަކާއި ދުއްތުރާތައް ހައްދުފަހަނައަޅައި ދިއުމުން، ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން މައްކާ ދޫކުރައްވައި މަދީނާ އަށް ހިޖުރަ ކުރެއްވި އެވެ.

ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާގައި ކުރެއްވި ކަމަކީ ކޮބާ؟

ނަބިއްޔާ صلى الله عليه وسلم އެންމެ ފުރަތަމަ މަދީނާއަށް ވަޑައިގެން، ޤުބާގައި މަޑުކުރެއްވި ދުވަސްތަކުގައި ޤުބާ މިސްކިތް ބިނާކުރެއްވި އެވެ. ޤުބާ މިސްކިތަކީ އެތައް ބަޔަކު ޖަމާވާ ބޮޑު މިސްކިތެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الصَّلَاةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ» [رواه الترمذي]

މާނައީ: “ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދަ އެވެ.”

ހަމަ އެފަދައިން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުން އަޚު ކުރެއްވި އެވެ. އަދި މަދީނާ އަށް އައި ކޮންމެ މުސްލިމަކަށް މަދީނާގެ އަންޞާރިއްޔަ ބޭކަލުން ހިޔާވަހިކަން ދެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ވެސް މަދީނާ އިން ހޫނު މަރުޙަބާއެއް ކިޔުއްވި އެވެ.

މަސްދަރު: ދިސަލަފިއްޔާ