ދާދި ފަހުން ސިންގަޕޫރްގައި ބޭއްވި ކައިވެނި ޕާޓީއަކުން ވައްކަންކުރި މީހަކަށް ކުށް ސާބިތުވެ އަހަރަކަށް ޖަލާން ލާން ހުކުމްކޮށްފި އެވެ.
މިދިޔަ އެޕްރީލް މަހުގެ 5 ގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދައުވަތަކާ ވެސް ނުލައި ގޮސް ވައްކަންކުރި މައްސަލައިގައި ޖަލަށް ލާން އިއްޔެ ހުކުމްކުރީ ލީ ވީ ޔެއި، ކިޔާ 36 އަހަރުގެ ފިރިހެނެއްގެ މައްޗަށެވެ.
އޭނަ ވަނީ ހޮޓަލެއްގައި ބޭއްވި ޕާޓީގެ ހަފުލާ އަށް ވަދެ، ކައިވެނިކުރި ދެ މީހުންނަށް ހަދިޔާގެ ގޮތުގައި ލިބުނު ރަތް ކުލައިގެ ސިޓީއުރަތަކެއްގެ ތެރެއިން ސިޓީއުރަތަކެއް ވަގަށް ނަގައިފަ އެވެ.
ވަގަށް ނެގި އެ ފައިސާގެ އަދަދު 50،000 ސިންގަޕޫރް ޑޮލަރު (39،083 އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ އެވެ.
ލީ، ސިޓީއުރަތަކެއް ވަގަށް ނެގީ ޕާޓީ އަށް ދިޔަ މެހުމާނުން ހަދިޔާ އަޅަން ބަހައްޓާފައިވާ ފޮށިތަކަކާ އެކީގަ އެވެ. ޕާޓީގެ ތެރެއިން ވައްކަންކިރުކަން އެނގުނީ ދެ ފޮއްޓެއް މަދުކަން ފާހަގަކުރެވިގެން، ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އެގޮތުން ވައްކަންކުރި މީހާ ހޯދީ ސީސީޓީވީ ފުޓޭޖްގެ އެހީގަ އެވެ. އަދި ޕާޓިން ވައްކަންކުރި ލީ ހައްޔަކުރީ އެޕްރީލް މަހުގެ 7 ގަ އެވެ. އޭރު އޭނަ ވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން ބޮޑު ބައެެއް ބޭނުންކޮށްފަ އެވެ. އެގޮތުން އަގުބޮޑު ހެދުން ގަނެ، ގިނަ ފައިސާ ޖުވާ ކުޅެން ބޭނުންކޮށްފައިވެ އެވެ.
ލީގެ އަތުން ފެނުނީ 3،000 ސިންގަޕޫރް ޑޮލަރެވެ.
މި ވައްކަމާ ގުޅިގެން އޭނަ އަށް އިއްވި އެއް އަހަރުގެ ޖަލު ހުކުމާ އެކު ވަގަށް ނެގި ފައިސާ އަނބުރާ ދޭން ވެސް ހުކުމް ވެސްކޮށްފައިވެ އެވެ. އަދި ފައިސާ އަނބުރާ ނުދީފި ނަމަ ޖަލު ހުކުމަށް 100 ދުވަސް އިތުރު ކުރާނެ އެވެ.