ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުންނެވެ. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ވަނީ މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެ އުޅަނދުން ހަ މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން ސިފައިންގެ މީހެއް ކަމަށްވާ، ވޮރަންޓް އޮފިސާ ދޭއް، އަލީ ހާމިދު ވަނީ ނިޔާވެފަ އެވެ.
އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝްގެ އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.