Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ފާގަތިކަން ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން

ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލު މަތީގައި ދެމިތިބެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި ކޮންމެ ކަމަކީވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށާއި މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށެވެ.

"ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމެވެ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވި ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއްކަން ފާހަގަކުރައްވައި، ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ޙާޞިލްކުރުމުގައި ހިފަހައްޓަންވީ ޙިކްމަތެރި ހަމަތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ހިޖުރީ އައު އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއްކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި އެވެ. އެގޮތުން، ހަނގުރާމައިގެ ނުތަނަވަސް ޙާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތައް ދާދިފަހުން ތަޙައްމަލު ކުރި އިރު، ދިވެހިރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެއިތުރުން ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަ ކުރެއްވި އެވެ.