ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަންގެ "ރެއިޑް 2" މާދަމާ ނެޓްފްލިކްސް އަށް ދޫކޮށްލަން ނިންމައިފި އެވެ.
މިދިޔަ މަހުގެ 1 ގައި ސިނަމާތަކަށް ގެނައި މި ކްރައިމް ތުރިލާ އަކީ ބޮކްސް އޮފީހުގައި 243.06 ކްރޯޑް ރުޕީސް (28.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
"ރެއިޑް 2" އަކީ ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ 2018 ގައި އަޖޭއާ އެކު ގެނެސްދިން "ރެއިޑް" ގެ ސީކްއެލް އެވެ. ދެ ފިލްމުގައި ވެސް ދައްކުވައި ދެނީ ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް އޮފިސަރަކާއި އޭނަގެ ޓީމުން ކުރާ ބުރަ އަދި ހިތްވަރު ގަދަ މަސައްކަތެވެ.
"ރެއިޑް 2" ގެ ކާސްޓްގައި ވާނީ ކަޕޫރާއި ރިތޭޝް ދޭޝްމުކާއި ރަޖަތު ކަޕޫރާއި ސޯރަބް ޝުކްލާ އާއި ސުޕްރިޔާ ޕަތަކާއި އަމިތު ސިއަލްގެ އިތުރުން ގޯވިންދު ނަމްދޭވް ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު ރިލީޒްކުރި އަޖޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "އާޒާދު" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "ސަން އޮފް ސަރުދާރު 2" އިންނެވެ.