Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ތިނަދޫ މޭޔަރާއި ޑެޕިޔުޓީ ސަސްޕެންޑް ކުރުމަކީ ޖަރީމާއެއް

ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑް ކުރުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހިންގި ޖަރީމާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭއިން މޭޔަރު ސައުދު ސަސްޕެންޑު ކުރީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ. އަދި ކައުންސިލުގައި ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތް ދީ، މުސާރައިގެ އިތުރުން ގާނޫނާ ހިލާފަށް ކައުންސިލަރުން ނަގާފައިވާ ފައިސާ އަނބުރާ ދިނުމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ ކައުންސިލަރުން މަދު ކުރާނެކަމުގެ އިންޒާރުތަކަށްފަހު މިއަދު، މުޅި ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، އެސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް ކުރި ކުރުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅާއެކު އެލްޖީއޭއިން ހިންގި ދެރަވަރު ޖަރީމާއެއް ކަމަށެވެ.

"މިއީ މުޅި ލާމަރުކަޒީ ނިޒާމަށާއި އެންމެހައި ކައުންސިލުތަކާއި ރަށްރަށް ހިންގަންތިބި ރައްޔިތުންގެ މަންދޫބުންނަށް ދިން ވަރަށްވެސް ފިނޑި ހަމަލާއެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މިކަމުން ދޭހަވަނީ ސަރުކާރު ކުރިއަށް އޮތް ކައުންސިލު އިންތިޚާބުން ބޮޑުތަނުން ބަލިވާނެ ކަމާއި، އިންތިޚާބަށް ނުފޫޒު ފޯރުވާނެކަން ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިފަދަ ކަންކަން ބަލައެއް ނުގަންނާނެ ކަމަށާއި ލާމަރުކަޒީ ނިޒާމަށް ޖާގަ ދިނުމަށާއި ތިނަދޫ ކައުންސިލަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޝާހިދު ވަނީ ގޮވާލާފަ އެވެ.

އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށްގެންދިޔަ އިންކުއަރީއަށްފަހު އެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފަ އެވެ.