Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕަވަމަންޓް ހަބެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރަ ޖެނަރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާން އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލް ޢަލީ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމްކުރުމަށްޓަކައި ޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފަރާތުން އެދިފައިވާތީ، އެކަމަށް އެހީތެރިވެ ހަބް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ދޫކުރުމަށް ނިންމާފައިވަނީ 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގަ އެވެ.

އެމްޕަވަރަމަންޓް ހަބް ގާއިމްކުރުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުންދާތީއާއި ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރި ކުދީންނާއި ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރި މީހުން މުޖުތަމަޢުގައި އިތުރުވަމުންދާތީ އެފަދަ މީހުންނާއި ކުދީންގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެ ފަރާތްތަކަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ،

މި އެއްބަސްވުމުގެ މުއްދަތަކީ، 25 އަހަރު ދުވަހެވެ.

މި "އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އަމާންއުދަރެސް ޓަވަރު 7 (ހުޅުމާލެ ފޭސް 2) ގެ އެއްވަނަ ފަންގިފިލާގަ އެވެ.